ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އިތުބާރު ނެތް ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ހުށަހެޅި މައްސަލަ ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން މިއަދު ފެއިލް ކޮށްލައިފި އެވެ.
އިދިކޮޅު އެމްޑީޕީގެ 12 މެމްބަރުންގެ ސޮޔާ އެކު، ހުށަހެޅި މައްސަލާގައި މިއަދު ނެގި ވޯޓުގައި އިތުބާރު ނެތް ކަމުގެ މައްސަލަ ފާސްކުރަން ވޯޓު ދެއްވީ 11 މެންބަރުންނެވެ. ދެކޮޅަށް ޕީއެންސީގެ 54 މެންބަރުން ވޯޓު ދެއްވި އެވެ.
އިދިކޮޅު އެމްޑީޕީން އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅީ މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގެ ތަހުގީގަށް ޓްރާސްޕޯޓް މިނިސްޓަރު އަމީން ނުފޫޒު ފޯރުވި ކަމަށް ބުނެ އެވެ.
އެކަމާ ގުޅޭގޮތުން މިއަދު މަޖިލީހުގައި ޖަވާބުދާރީވަމުން އަމީން ވިދާޅުވީ ފުލުހުންގެ އެއްވެސް ކަމަކަށް ނުފޫޒު ފޯރުވާފައި ނުވާނެ ކަމަށެވެ.
އޭނާ ވަނީ އަންހެން ކުއްޖާ ވެއްޓުނު މައްސަލައާ އޭނާ އާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި އެ މައްސަލައާ ގުޅިގެން އޭނާ އަމިއްލައަށް އިސްތިއުފާ ދޭން ޖެހޭ ސަބަބެއް ވެސް ނެތް ކަމަށް ވިދާޅުވެފަ އެވެ.