މާފަންނު ސްޓޭޑިއަމްގައި އެފްއޭއެމުން ތަރައްގީކުރަން ފެށި ސްޕޯޓްސް އެރީނާ ޕްރޮޖެކްޓަށް ފީފާއިން ދިން ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރަށް ވީގޮތް
ފެންނާން ނެތް ކަމުގެ ކަންބޮޑުވުން ފީފާގެ ގާނޫނީ ޓީމުން ފާހަގަކޮށްފި އެވެ.
އެކަން ފީފާ އިން ފާހަގަކުރީ، ބައްސާމްގެ މައްޗަށް ފީފާއިން ކުރިމަތި ކުރި ނުވަ މަސް ދުވަހުގެ ސަސްޕެންޝަން އިސްތިއުނާފު ކުރުމަށް އޭނާގެ ފަރާތުން ބައިނަލްއަގްވާމީ ކުޅިވަރު އާބިޓްރޭޝަން ކޯޓް (ކާސް) އަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމުގަ އެވެ.
ޝަރީއަތުގައި ފީފާގެ ވަކީލުން ވަނީ އެ އިދާރާގެ މިނިވަން އެތިކްސް ކޮމިޓީން ބައްސާމަށް ކުރިމަތި ކުރި ސަސްޕެންޝަންގެ ފިޔަވަޅު އަޅާފައި ވަނީ ރަނގަޅަށްކަން ސާބިތު ކުރުމަށް އެފްއޭއެމްގެ ފައިސާ އޭނާ ނަމަހަމަގޮތުގައި ބޭނުންކޮށްފައިވާ ކަމަށް ވަކާލާތުކޮށްފަ އެވެ.
ފީފާގެ ގާނޫނީ ޓީމުން ފެންމަތި ކުރި އެއް މައްސަލަކީ މާފަންނު ސްޓޭޑިއަމްގައި އިމާރާތް ކުރަން ފެށި ފުޓްބޯޅަ އެރީނާގެ ޕްރޮޖެކްޓްގެ ފައިސާއާ ގުޅޭ މައްސަލަ އެވެ.
ފީފާގެ ސްޓޭންޑަޑަށް ފެތޭ ގޮތަށް އިންޖަރީ ރިހެބިލިޓޭޝަން ސެންޓަރެއް ވެސް ގާއިމުކުރާ އެފްއޭއެމްގެ އޮފީސް އިމާރާތާއި ޓާފް ދަނޑު ހިމެނޭ ފުޓްބޯޅަ އެރީނާ ހަދަން ފީފާގެ ފޯވާޑް ޕްރޮގްރާމްގެ ދަށުން 1.480 ޑޮލަރު (ގާތްގަނޑަކަށް 22 މިލިއަން ރުފިޔާ) ހަރަދު ކުރަން ނިންމި އެވެ. އެ ޕްރޮޖެކްޓްގެ ބިންގާ އޮކްޓޯބަރު 2019 ގައި އަޅުއްވައި ދެއްވީ އޭރުގެ ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފާއި ބައްސާމެވެ.