ޕީޕީއެމް އުވާލިއިރު އެ ޕާޓީގެ ނައިބު ރައީސުންގެ ގޮތުގައި ތިއްބެވި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމަކީ ޕީއެންސީގެ ނައިބު ރައީސުންގެ ގޮތުގައި ކަނޑައަޅައިފި އެވެ.
ޕީޕީއެމް އުވިގެންދިޔައިރު އެ ޕާޓީގެ ސެނެޓް މެންބަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ޕީއެންސީއާ ގުޅެން ބޭނުންވި ބޭފުޅުން ރަސްމީކޮށް ޕާޓީއާ ގުޅުމަށް މިރޭ ޕީއެންސީ އޮފީހުގައި ހަރަކާތެއް ކުރިއަށް ގެންގޮސްފައިވެ އެވެ. އަދި ޕީއެންސީގެ ސެނެޓް ނުވަތަ މެންބަރުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވެ އެވެ.
މިރޭ ޕީއެންސީއާ ގުޅިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ޕީޕީއެމްގެ ނައިބު ރައީސުންގެ ގޮތުގައި ތިއްބެވި ޣައްސާން އާއި މިނިސްޓަރު ޝިޔާމް ވެސް ހިމެނެ އެވެ. އެ ދެ ބޭފުޅުން ޕީއެންސީގެ ނައިބު ރައީސްގެ ގޮތުގައި ކަނޑައަޅަން މެންބަރުންގެ މަޖިލީހަށް ހުށަހެޅުއްވީ ޕާޓީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ރައީސް ހުށަހެޅުއްވި އެ ހުށަހެޅުން ފާސްކޮށްފައިވަނީ އަޣުލަބިއްޔަތުންނެވެ.
މީގެ އިތުރުން ޕީޕީއެމް ލީޑަޝިޕް އަދި ސެނެޓްގައި ތިއްބެވި މެންބަރުންގެ ތެރެއިން ޕީއެންސީއަށް ސޮއި ކުރެއްވި މެންބަރުންނަކީ ޕާޓީގެ ލީޑަޝިޕް އަދި މެންބަރުންގެ މަޖިލީހުގެ މެންބަރުން ކަމުގައި ކަނޑައެޅުމަށް ވެސް ފާސްކޮށްފައިވެ އެވެ.
ޕާޓީގެ ހައިރާކީގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން ރަސްމީކޮށް ހިމެނުމަށާއި، އިތުރު ބައެއް އިދާރީ އިސްލާހުތައް ޕާޓީގެ ހިންގާ ގަވާއިދަށް ގެނައުމަށް ޕީއެންސީގެ މެންބަރުންގެ މަޖިލީހުގެ އިއްތިފާގުން ފާސް ކޮށްފައިވެ އެވެ.
ޕީއެންސީގައި މިހާރު ވެސް ހަ ނައިބު ރައީސު ތިއްބަވަ އެވެ. އޭގެ ތެރޭގައި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަދި ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވެސް ހިމެނިވަޑައިގަންނަވަ އެވެ.
ފަސް އަހަރު ވެރިކަމުގައި އޮތް ޕީޕީއެމް އުވާލަން ރައީސް މުއިއްޒުގެ އިސް ނެންގެވުމުގެ މަތިން ނިންމީ، ޕީއެންސީ ވަރުގަދަ ކުރުމުގެ ގޮތުންނެވެ. ޕީޕީއެމްގެ ގިނަ އާންމު މެންބަރުން ވެސް ވަނީ ޕީއެންސީއާ ގުޅިފަ އެވެ.