!މޫދަށް އެރޭ ސަރަޙައްދުގެ މަސައްކަތް ނިމުމަކާ ގާތަށް


ލިޔުން ތާރީހް: 11 އޮކްޓޫބަރު 2025

މި ސަރުކާރުން ޅައިމަގުގައި ފަށައިގެން ކުރިޔަށް ގެންދާ މޫދަށްއެރޭ ސަރަހައްދު ތަރައްޤީ ކުރުމުގެ މަސައްކަތް ނިމުމާއި ގާތްވެއްޖެއެވެ.

މަޖިލީސް އިންތިހާބާގެ ކުރިން ފެއްޓި މި މަސައްކަތަކީ ޅައިމަގުގެ ވަރަށް ގިނަ ރައްޔިތުންގެ އެދުމުގެ މަތީން، ދާއިރާގެ މެމްބަރުގެ އިސްނެންގެވުމުން ފެއްޓެވި މަސައްކަތެކެވެ. އެމްޓީސީސީ އާއި ހަވާލުކުރައްވައިގެން ކުރިޔަށް ގެންދާ މި މަސައްކަތުގައި 53 މީޓަރަށް ވުރެ ބޮޑު ސަރަހައްދެއް ދަނީ ތަރައްގީކުރަމުންނެވެ.

ނެރުމަގާއި ބޮޑުމަގުގެ މެދުގައި ތަރައްގީ ކުރަމުންދާ މި ސަރަހައްދަކީ ކުޑަކުދިން އަދި ބޮޑެތި މީހުންނަށް މޫދައްއެރި ކަސްރަތު ކުރެވޭ ގޮތަށް ހަދަމުންދާ ތަނެކެވެ. އޭގެ އިތުރުން ސްކޫލް ކުދިންގެ ފެތުމުގެ މުބާރާތްތަކާއި ޓްރެއިނިން ޕްރޮގްރާމުތަށް ހިންގޭގޮތަށް ފަރުމާކުރެވިފައިވާ މި ސަރަހައްދުގައި ސަލާމަތީ އަދި އެހެނިހެން އިންތިޒާމުތަށް ގާއިމްކުރުމަކީ ޅައިމަގު ކައުންސިލުން ކުރަންޖެހޭ ކަންކަމެވެ.

އެހެންނަމަވެސް މި ސަރަހައްދު އިތުރަށް ތަރައްގީ ކުރުމަށް އަދި ވަސީލަތްތައް ގާއިމް ކުރުމަށް ކައުންސިލުގެ ފަރާތުން އަދި އެއްވެސް މަސައްކަތެއް ނުވަތަ ޕްލޭނެއް ތައްޔާރު ކޮށްފަނުވެއެވެ. އަދި އެކަމާމެދު ރައްޔިތުންނާ އަދި ސަރުކާރުގެ އެއްވެސް މުއައްސަސާއަކާވެސް އެއްވެސް މުޢާމަލާތެއްވެސް ކޮށްފައިނުވެއެވެ.

އާންމު ރައްޔިތުން ތަކުރާރުކޮށް އެދުނު ކަމުގައިވީނަމަވެސް، އެސަރަހައްދު ސާފުކުރުމާއި އަދި ބިންގަނޑު ލެވެލް ކުރުން ފަދަ ކަމަކުވެސް ޅައިމަގު ކައުންސިލުން އެމް.ޓީ.ސީ.ސީ އާއި ނުވަތަ އެހެން މުއްސަސާއަކާ އަދި އެއްވެސް މަސައްކަތެއް ކޮށްފަނުވެއެވެ.

މީގެ އިތުރުން އެމްޓީސީސީ ކުރިއަށް ގެންދާ ބަނދަރުހެދުމުގެ މަސައްކަތްވެސް ގިނަ ދުވަސްތަކަކަށްފަހު މިހާރު ވަނީ ނިމުމާއި ގާތްވެފައެވެ. މިހާރު ބަނދަރު ނިންމަމުންދަނީ ޅައިމަގު ރައްޔިތުން އެދުނުގޮތަށް ގެނެވުނު ބަދަލުތަކާއެކުކަން ފާހަގަކުރެވެއެވެ.