ސަރުކާރުން ވެފައިވާ ވަޢުދު ފުއްދުމުގައި ޅައިމަގު ސިއްހީ މަރުކަޒަށް ބޮޑު ކުރިއެރުންތަކެއް


ލިޔުން ތާރީހް: 18 ޖަނަވަރީ 2026

ސަރުކާރުން ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދަނީ ވަރަށް ބޮޑަށް ދިރާސާކުރުމަށްފަހުގައެވެ. މިގޮތުން، ރަށުގެ އާބާދީއާއި، ސަރަޙައްދީ ތަރައްޤީއާ ގުޅިފައިވާ މިންވަރާއި، އެ ދާއިރާއަކުން ރަށުގެ މިހާރުގެ ޙާލަތުގެ އިތުރުން، އެ މަޝްރޫޢަކަށް ރަށުގެ ރައްޔިތުން ބޭނުންޖެހިފައިވާ މިންވަރަށް ބަލައި އިސްކަންދެވެއެވެ. މީގެއިތުރުން، ރަށުގެ ޙާލަތާ ގުޅޭ ފުރިހަމަ މަޢުލޫމާތު ކަމާބެހޭ ވުޒާރާތަކަށް ފޯރުކޮށްދިނުމަކީ މިފަދަ މަޝްރޫޢުތައް ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމުގައި އަދާކުރާ މުހިންމު ދައުރެކެވެ.

މިހާރުގެ ސަރުކާރުގެ ޒަޢާމަތުގައި އެންމެ ހަލުވިކަމާއެކު ކުރިއެރުން ހޯދަމުން އަންނަ އެއް މުއައްސަސާއަކީ ޅައިމަގު ސިއްހީ މަރުކަޒެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ އިސްކަމެއް ދެއްވައިގެން، ރާއްޖޭގެ ސިއްހީ ނިޒާމު ޒަމާނީ ފެންވަރަށް ތަރައްޤީކުރެއްވުމަށް ފަށްޓަވާފައިވާ ބޮޑު މަޝްރޫޢުގެ ދަށުން، ކޮންމެ މުހިންމު މަސައްކަތެއްގައިވެސް ޅައިމަގު ސިއްހީ މަރުކަޒު އިސް ސަފުގައި ހިމެނެއެވެ. މިފަދަ ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދަނީ އެ މުއައްސަސާގެ އިސްވެރިންގެ ބުރަ މަސައްކަތާއި ހިންގުންތެރިކަމުގެ ސަބަބުންކަން މިކަން ދަންނަ ފަރާތްތަކުން ފާހަގަކުރެއެވެ.

ޅައިމަގު ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަން ކަށަވަރުކުރުމަށާއި، ސިއްހީ ދާއިރާއަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކޮށްދެއްވުމަށްޓަކައި، ރައީސް ޑރ. މުޢިއްޒު ވަނީ ސިއްހީ ވުޒާރާގެ ސިޔާސީ މަޤާމަކަށް އަލްފާޟިލް އަބޫބަކުރު ނަސްރުﷲ އައްޔަނުކުރައްވައި، ޅައިމަގު ސިއްހީ މަރުކަޒު ހިންގުމުގެ މަސްއޫލިއްޔަތު އޭނާއާ ހަވާލުކުރައްވާފައެވެ.

ޅައިމަގު އޮންލައިންއަށް މައުލޫމާތު ދެއްވަމުން އަބޫބަކުރު ނަސްރުﷲ ވިދާޅުވީ، ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހުގެ ފުރިހަމަ އެއްބާރުލުމާއެކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުތަކާ އެއްގޮތަށް ޅައިމަގުގެ ސިއްހީ ދާއިރާ ތަރައްގީކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވި، އެދެވޭ ނަތީޖާ ފެންނަމުންދާ ކަމަށެވެ.

އެގޮތުން، ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ރައީސްގެ ވައުދުފުޅާ އެއްގޮތަށް، ސިއްހީ މަރުކަޒުގެ ހިދުމަތް 16 ގަޑިއިރަށް ބަދަލުކުރުމަށް ވާންޖެހޭ ތައްޔާރީތައް ހަލުވިކަމާއެކު ކުރިއަށްދާކަމަށް ވެސް ވިދާޅުވިއެވެ. މި ބަދަލަށް ބޭނުންވާ މުވައްޒަފުން ނެގުމުގެ މަސައްކަތާއި، އެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް ދިނުމުގެ އިންތިޒާމުތައް ރޭވިގެން ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ސިއްހީ މަރުކަޒުން ދުވަހުން ދުވަހަށް ދެމުންދާ ހިދުމަތްތަކުގައި ކުރިން ހުރި ގިނަ ގޮންޖެހުންތަކަށް މިހާރު ހައްލު ލިބިފައިވާކަން ވެސް ފާހަގަކުރެއްވިއެވެ.

ޅައިމަގުގައި އެމްބިއުލާންސްގެ ހިދުމަތް ދިނުމުގައި ކުރިމަތިވި ދަތިތައް ހައްލުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އެ ހިދުމަތް ދިނުމަށް ބޭނުންވާ އައު އެމްބިއުލާންސް މިހާރު ލިބިފައިވާ ކަމަށް އަބޫބަކުރު ވިދާޅުވިއެވެ.

އަބޫބަކުރުގެ ވާހަކައިގައި، ރައީސް ޑރ. މުއިއްޒު ރާއްޖޭގެ ސިއްހީ ނިޒާމަށް ގެންނަވަމުންދާ ހެޔޮ ބަދަލުތަކާއި ބޮޑު ތަރައްގީ ފާހަގަކުރައްވައި، އެއީ ތައުރީފު ހައްގު މަސައްކަތްތަކެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.

މީގެއިތުރުން، ރާއްޖޭގެ ސިއްހީ ނިޒާމު ތަރައްގީކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފައްޓަވާފައިވާ  މަސައްކަތްޕުޅުގެ ތެރެއިން  ޅައިމަގުގެ ރައްޔިތުންނަށް ބޭނުންވާ ކަންކަން ފަހިކޮށްދެއްވުމުގައި މެންބަރު މަމްދޫހު ދެއްވާ ހާއްސަ ސަމާލުކަމާއި ކުރައްވާ ބުރަ މަސައްކަތްޕުޅުވެސް އޭނާ ފާހަގަކުރެއްވިއެވެ.

'ޅައިމަގު އޮންލައިން' އިން ކުރި ސުވާލުތަކަށް ޖަވާބުދިން ރަށުގެ ގިނަ ރައްޔިތުންވެސް ވަނީ ޅައިމަގު ސިއްހީ މަރުކަޒަށް ގެންނަމުންދާ ތަރައްގީ ބަލައިގަނެ، އެކަމުގައި އިސްކޮށް ތިއްބެވި މުއައްސަސާތަކުގެ ވެރިންނަށް ޝުކުރު އަދާކޮށްފައެވެ.