ގިނަ އަހަރު ތަކެއް ވަންދެން ރަށުގައި ވޮލީ ކުޅުން ހުއްޓާލާފައި އޮތުމަށްފަހު ވޮލީ ކޯޓެއް ތައްޔާރުކޮށް ކުޅެން ފަށައިފިއެވެ. އެއްވެސް ގޮތަކަށް ޅައިމަގުގައި ވޮލީ ނުކުޅޭތާ މިހާރު ވަނީ 10 ވަރަކަށް އަހަރު ވެފައެވެ. ބޮޑުމަގު ކުރީގެވެސް ވޮލީ ކޯޓު އަލުން ތައްޔާރުކޮށް ކުޅެން ފެށުމާއިއެކު ގިނަ އަދަދެއްގެ ޒުވާނުން ވަނީ ކޮންމެ ދުވަހެއްގެ ހަވީރު ކުޅެން ދާން ފައްޓާފައެވެ. ވޮލީ އަކީ ޅައިމަގުގައި ފޯރި ގަދަކޮށް ކުޅެމުން އައިސްފައިވާ ކުޅިވަރެކެވެ. ޅައިމަގަކީ ހުނަރުވެރި ވޮލީ ކުޅުންތެރިން ތަކެއް އުފެދުނު ރަށެކެވެ. އެގޮތުން ރަށުގެ ބައެއް ކުޅުންތެރިން ވަނީ ގައުމީ ޓީމަށްވެސް ކުޅެފައެވެ. އަދި ރާއްޖޭގެ އެންމެ މަޝްހޫރު ރިޒޯޓު ތަކުގެ ޓީމުތަކަށް ކުޅުމުގެ އިތުރުން ތާއްޖޭގެ ހިސާބުތަކުގައި ބާއްވާ ބޮޑެތި މުބާރާތްތަކުގައި ރަށުގެ ކުޅުންތެރިން ކުޅެ ފާހަގަކުރެވޭ ކާމިޔާބުތައް ހޯދާފައިވެއެވެ. އެހެންނަމަވެސް ރަށު ފެންވަރުގައި ވޮލީކުޅުން ހުއްޓާލުމާއިއެކު ޒުވާން ކުޅުންތެރިން އުފެދުން ވަނީ ހުއްޓިފައެވެ.
އެކުވެރިންގެ ވާދަ ކުޅިވަރު މުބާރާތުގައި ބާއްވަމުން އައި ވޮލީ މުބާރާތަކީ ފޯރިގަދަ މުބާރާތެކެވެ. ވާދަވެރިކަން ބޮޑުކޮށް ކުޅެމުންއައި މުބާރާތް ފުރަތަމަ ބަދަލު ކުރެވުނީ ދެ އަހަރުން ބާއްވާގިތަށެވެ. އޮތަކަށް މުބާރާތް ދެ ފަހަރަކު ބޭއްވުމަށް ފަހު ހުއްޓާލީއެވެ. އޭގެ ފަހުން ޅައިމަގު ކުޅިވަރު މުބާރާތްތައް ކައުންސިލުން ބާއްވަން ފެއްޓިއިރު ވޮލީ ބޯޅަ ހިމެނިފައެއް ނުވެއެވެ.
އަނެއްކާވެސް ވޮލީ ކޯޓެއް ތައްޔާރުކޮށް ތަށުގައި ވޮލީ ކުޅެން ފެއްޓުމަކީ ރަށުގެ ކުޅިވަރަށް އަދި ދުޅަހޮޔޮ ސިއްހަތަކަށް އެޅުން މުހިންމު ފިޔަވަޅެކެވެ. އޮގޮތުން މިފެށުމުގެ ތެރޭން ޒުވާން ހުނަރުވެރި އައު ވޮލީ ކުޅުންތެރިންތަކެއް އުފެދިގެން ދިޔުމަކީ ޅައިމަގު ޒުވާނުންގެ އުންމީދެވެ.