ޅައިމަގު ކައުންސިލްގެ ހުރިހާ ގޮނޑިއެއް އެމް.ޑީ.ޕީ އަށް


ލިޔުން ތާރީހް: 10 އެޕްރީލް 2026

ޅައިމަގު ކައުންސިލުގެ ހުރިހާ ގޮނޑިއެއް އިދިކޮޅު އެމް.ޑީ.ޕީ އިން ކާމިޔާބު ކޮށް ޒަމާނުންސުރެ ހޯދަމުން އަންނަ ކާމިޔާބު ދަމަހައްޓައިފިއެވެ. ތަފާތު ބޮޑު ނަތިޖާއަކުން ޅައިމަގު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ހުރިހާ މަގާމެއް އިދިކޮޅު އެމް.ޑީ.ޕި އިން ކާމިޔާބު ކުރީ ވާދަވެރި ކެންޕެއިނަކަށް ފަހުގައެވެ.

އެގޮތުން ކައުންސިލް ރައީސްގެ ގޮނޑި އަހްމަދު ފަޔާޒު ކާމިޔާބު ކޮއްފައިވަނީ ކުރީގެ ކައުންސިލަރު އަބްދުލް ޣަނީ އިބްރާހީމް އާއި ވާދަކޮށް 70 ވޯޓުގެ ތަފާތާއި އެކު 290 ވޯޓާއިއެކުއެވެ. 103 ވޯޓުގެ ބޮޑު ފަރަގާއި އެކު ކައުންސިލް މެންބަރުގެ ގޮނޑި އާދަމް އަޒުމް ކާމިޔާބު ކުރީ އަބްދުﷲ ޝަނޫނު އާއި ވާދަކޮށް 296 ވޯޓު ހޯދައިގެންނެވެ. ހަމަ އެގޮތަށް ފާތިމަތު ސިޔާދާގެ މައްޗަށް 100 ވޯޓުގެ ތަފާތާއި އެކު އާމިނަތު އަފްރާހާ ކުރި ހޯދީ 299 ވޯޓު ހޯދައިގެންނެވެ.

ލައިމަގު ކައުންސިލަކީ އަބަދުވެސް އެމް.ޑީ.ޕީ އިން ކުރި ހޯދަމުން އަންނަ ކައުންސިލެކެވެ. އެގޮތުން އަބްދުﷲ ޝަނޫނު ޕީ.ޕި.އެމް ގެ ފަރާތުން ދެ ދައުރަކަށް ހޮވުން ނޫން ހުރިހާ ދައުރެއްގައި ހުރިހާ މަގާމުތަކަށް ރައްޔިތުން އިންތިހާބު ކޮއްފައިވަނީ އެމް.ޑީ.ޕި ގެ ކައުންސިލަރުންނެވެ.

ރައްޔިތުން މަޖިލިސް އިންތިހާބުގައި ކޮންގްރެސް ޕާޓީގެ ފަރާތުން މިހާރުގެ މެންބަރު މުހައްމަދު މަމްދޫހް ލައިމަގުން ހޯއްދެވި ބޮޑު ކާމިޔާބާއިއެކު މިފަހަރު އިންތިހާބުގެ ވާދަވެރިކަން ބޮޑުވެގެންދިޔައެވެ. އަދި ލައިމަގުން މިފަހަރު އަލަށް ޢެމް.ޑީ.ޕީގެ މެޖޯރިޓީ ގެއްލުމުގެ ފުރުސަތު އޮތްކަމަށް ބައެއް ފަރާތްތަކުން ދިޔައީ ގަބޫލު ކުރަމުންނެވެ.