އެމްބިއުލާންސްގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ހުރިހާ ރަށަކަށް ފޯރުކޮށްދިނުމުގެ މަސައްކަތުގެ ދަށުން ޅައިމަގަށް ބޭނުންވާ އެމްބިއުލާންސް ޙަވާލުކޮށްފިއެވެ. ހެލްތް މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ސިއްޙީ މަރުކަޒާއި އެމްބިއުލާންސް ގެ ތަޅުދަނޑި ހަވާލުކޮށްދެއްވީ ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމެވެ. އެމްބިއުލާންސް ގެ ތަޅުދަނޑި އާއި ހަވާލުވީ ހެލްތް ސިއްޙީ މަރުކަޒު ހިންގުމުގެ މަސްއޫލިއްޔަތު ހަވާލުވެހުރި އަބޫބަކުރު ނަސްރުالله އެވެ.
މި ރަސްމިއްޔާތުގައި އެމްބިއުލާންސްގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ހުރިހާ ރަށަކަށް ފޯރުކޮށްދިނުމުގެ މަސައްކަތުގެ ދަށުން 56 ރަށަކަށް ބޭނުންވާ އެމްބިއުލާންސް ވަނީ ޙަވާލުކޮށްފައެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ ނާޒިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަތޮޅުތަކުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި އެކި މުއައްސަސާތަކުގެ ވެރިންނާއި ބައްދަލުކުރައްވާ އެ ރަށްރަށުގައި ހުރި އެކި މައްސަލަތައް ނޯޓު ކުރައްވަމުން ގެންދެވިކަމަށެވެ. އެގޮތުން އެ މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރައްވާކަމަށް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ސިއްހީ ނިޒާމުގައި ވަރަށް ގިނަ ގޮންޖެހުންތަކެއް އެބަހުރިކަމަށެވެ. އެގޮތުން އާބާދީ ބެހިފައިވާގޮތުން ވެސް ހިދުމަތް ފޯރުކޮށްދިނުމުގައި ގޮންޖެހުންތައް ދިމާވާކަމަށް ފާހަގަކުރެއްވިއެވެ. އަދި ސިއްހީ ނިޒާމުގައި ހުރި ގޮންޖެހުންތަކުގެ ތެރެއިން ދެމެހެއްޓެނިވި ގޮތެއްގައި އެމްބިއުލާންސްގެ ހިދުމަތް ނުދެވުން ހިމެނޭއިރު ބައެއް ރަށްތަކުގައި އެމްބިއުލާންސް ލިބި އެހެންނަމަވެސް މެއިންޓަނަސް ނުކުރެވެވުމުގެ ސަބަބުން ހަލާކުވެފައިވާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ.
މިކަމަށް ހައްލު ހޯދުމުގެ ގޮތުން ރައީސް މުއިއްޒު ސިޔާސަތުތަކެއް ކަނޑައަޅައި އެމްބިއުލާންސް ބޭނުންވާ ތަންތަނަށް އެމްބިއުލާންސް ފޯރުކޮށްދިނުމުގެ މަސައްކަތް ފެއްޓެވިކަމަށް ވިދާޅުވިއެވެ.
މި މަޝްރޫޢަށް 65.3 މިލިޔަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.