ދުވަސްވަރަކީ 'އެތެރޭގެ ކޮރަޕްޝަނާއި ނުތަނަވަސްކަމުގެ' ސަބަބުން ޅައިމަގު އެކުވެރިންގެ ރޫޙުން ބާއްވަމުންދިޔަ އެކުވެރިންގެ ވާދަ ފުޓްބޯޅަ މުބަރާތް ދާއިމީކޮށް ހުއްޓާލައި, ރަށު ފެންވަރުގައި ފުޓްބޯޅަ އެއްކޮށް ހުއްޓިފައިވާ ދުވަސްވަރެކެވެ.
"މަނިކުފާނަށް އެބަ އަޑު އިވޭތޯއޭ! އަޅުގަނޑަކީވެސް ރައްޔިތުން އިންތިޚާބުކޮށްފަ ހުރި މީހެކޭ! އަޅުގަނޑުގެ އަޑުވެސް އަހަންޖެހޭ! ތިހެން ކަންތަކެއް ނުކުރެއްވޭނޭ!"
އަޑުގަދަކުރާ އެއް ހިފައިން ޅައިމަގު ކައުންސިލްގެ ބައްދަލުވުމުގައި ކައުންސިލަރު އަލީ ޒާހިރު އަޑު އުފަލައި ބުނަމުންދިޔައެވެ. ވެގެން އުޅޭ ގޮތަކީ ޅައިމަގު ފެންވަރު ފުޓްބޯޅަ މުބަރާތް ބޭއްވުމަށް ކައުންސިލުން ދެކޮޅުހަދަމުން ދިއުމެވެ. ގިނަ ކައުންސިލަރުންނަށް ފެނިލެއްވީ ފުޓްބޯޅަ މުބާރާތް ބޭއްވުމާއި މުބާރާތްތަކުގައި ބައިވެރިވުމަކީ ޚަރަދު ބޮޑު ބޭކާރު ޚަރަދުކުރުން ކަމުގައެވެ. ޒުވާނުންތިބީ ފޯރި ނެތެމުންދާ ރަށުގެ ފުޓްބޯޅަ ދިރުވުމަށްޓަކައި ރަށުފެންވަރުގެ މުބާރާތެއް ބޭއްވުމަށް ނުހަނު ބޭނުންވެފައެވެ.
ޒުވާނުންގެ ޕްރެޝަރާއި ކައުންސިލަރު އަލީ ޒާހިރު ގޮތްދޫނުކުރައްވާ ކުރެއްވި މަސައްކަތުން އެންމެފަހުން ކައުންސިލުން މުބާރާތެއް ބޭއްވުމަށް ނިންމައި, މުބާރާތް އިންތިޒާމު ކުރުމުގެ ހުރިހާ ޒިންމާއެއް ކައުންސިލަރު އަލީ ޒާހިރާއި ހަވާލުކުރިއެވެ. އެހެން ވިސްނުމަކުންނަމަ ކައުންސިލަރު އަލީ ޒާހިރު ބޮލަށް މުބާރާތްޖެހިއެވެ. މުބާރާތަށް ތައްޔާރުކުރުމަށް ލިބުނުހާވެސް އެއްޗަކީ 'ބާ އޮފީސް' ތެރޭން ނެރުނު ބައު ބެޑްސީޓެއް ކަމަށް ބެލެވޭ ފޮތި ގަނޑެކެވެ.
މުބަރާތަށް ތައްޔާރުވުމަށް ލިބުނު ކުޑަ ވަގުތުކޮޅުގައި ޒުވާނުން ކައުންސިލަރާއި އެކު ނުކުމެ އެއް ދުވަހުން ދަނޑު ޒީނަތްތެރިކޮށް ނިންމާލީ ޅައިމަގު ދަނޑު އޭގެކުރިން ނުކުރާ ފެންވަރުގައެވެ.

ޒުވާނުންގެ ބޮޑު ބައިވެރިވުމާއި, ޓީމްތަކުގެ ވާދަވެރިކަމާއި އަދި ރަށު މީހުންގެ ފާރާތުން ފެނުނު ސަޕޯޓާއި ފޯރީގެ ސަބަބުން މުބާރާތް ނިންމާލީ ދާއިމީކޮށް މުބާރާތް ކުރިޔަށް ގެންދާނެކަމަށް ކައުންސިލް ރައީސް އަބްދުލްޢަނީ ކުރި އިޢުލާނާއެކުއެވެ. މި މުބާރާތް ވެގެން ދިޔައީ މިއަދާއި ޖެހެންދެން ކޮންމެ އަހަރަކު ކައުންސިލް ފަރާތުން ބާއްވަމުން ގެންދާ ފޯރިގަދަ 'ފަގީރާ ސްޕޯރޓްސް ފިއެސްޓާ' މުބާރާތުގެ ފެށުމަށެވެ. އަދި ވަކިން ޚާއްސަކޮށް އެ މުބާރާތް ވެގެންދިޔައީ ކައުންސިލުގައި ޒުވާނުންގެ ބައިވެރިވުން ބޮޑު ކުރަންޖެހޭ ކަމުގައި ޒުވާނުންނާއި އަދި ޅައިމަގު ގިނަ ރައްޔިތުން ވިސްނުންގެނުވި މުބާރާތަކަށެވެ.
ނަތީޖާއަކަށް ވެގެންދިޔައީ ޅައިމަގު ކައުންސިލްގެ ހިނގަމުންދާ މި ދައުރަކީ އެންމެ ޒުވާން ކައުންސިލަރުންގެ މައްޗަށް އެކުލެވިގެންވާ ޒުވާނުންގެ ބައިވެރިވުން ބޮޑު ކައުންސިލެއް ރައްޔިތުން އިންތިޚާބުކުރުމެވެ. އަދި ކައުންސިލްގެ ދައުރުގައި ހަމައެކަނި ކުޅިވަރު ދާއިރާއަށް ބަލާލިކަމުގައި ވިޔަސް ޅައިމަގު ގިނަ ހުނަރުވެރި ކުޅުންތެރިންތަކެއް ވަނީ އުފެދިފައެވެ. އެ ކުޅުންންތެރިން ދަނީ ރިޒޯޓްތަކުގެ މުބާރާތްތަކާއި އަދި ރަށްރަށާއި އަތޮޅުތަކުގެ މުބާރާތް ތަކުގައިވެސް ކުޅެ ފަޚުރުވެރި ކާމިޔާބީތަކެއް ހޯދަމުންނެވެ.

ސިޔާސީ ދާއިރާއަށް އައު ވެފައި އުމުރުން ހަގު ނަމަވެސް އުމްރާނީ ތަރައްޤީއާއި އަދި ރަށުގެ ހިންގޭ މަޝްރޫޢު ތަކުގައިވެސް ޒުވާން ކައުންސިލަރުން ރައްޔިތުން ބަލައި ގަންނަ ފަދަ ތެދުވެރި އިހްލާސްތެރި މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. ވަކިން ޚާއްސަކޮށް ހުރިޔާ ރައްޔިތުންނާއި އެންހަމަޔަކުން ޚިދުމަތްކުރުމާއި ރައްޔިތުންގެ މެދުގައި ހަމަހަމަކަން ޤާއިމްކުރުމުގައި ކުރީގެ ހުރިހާ ކައުންސިލް ތަކަކަށް ވުރެ މިހާރުގެ ޒުވާން ކައުންސިލަރުން ކުރިއެރުން ހޯދާފައި ވާކަމުގައި ޅައިމަގު ގިނަ ރައްޔިތުން އިއްތިފާގުވެއެވެ. އެގޮތުން ޅައިމަގުގައި ދެމިގެން އަންނަމުންދިޔަ ސިޔާސީ ފިކުރުގެ ސަބަބުން ތަފާތުކުރުމުގެ އާދަ ނައްތާލުމަށް މި ކައުންސިލުން އެދެވޭ މަސައްކަތްތަކެއް ކޮށްފައިވެއެވެ.
މި ސަބަބުތަކާއި ތާރީހަށް ބުރަވެ ބުނެވެން އޮތީ ޅައިމަގު ކައުންސިލުގައި ޒުވާނުންގެ ދައުރު ބޮޑުވި ވަރަކަށް ނަތީޖާ ދަނީ ރަނގަޅުވަމުންކަމުގައެވެ.