ޅައިމަގު ރައްޔިތުންނަށް ފޯރުކޮއްދެމުންދާ ފެނަކީ ރައްކާތެރި ފެނެއްތޯ ބެލުމަށް ހަދަންޖެހޭ އެއްވެސް ޓެސްޓެއް ނުހަދާތާ 8 މަހައްވުރެ ގިނަދުވަސްވެފައިވާ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރަން ފަށައިފިއެވެ.
"މިހާރު މައުލޫމާތުލިބޭ ގޮތުން ޅައިމަގަށް ދޫކުރާ ސަޕުލައި ފެން ޓެސްޓު ނުކޮށް ދޫކުރާތާ 8 މަސް ދުވަސް ވެއްޖެކަމަށްވޭ. މީވަރަށް ދެރަކަމެއް. އުސޫލެއް ގޮތުން މިފެން ދޫކުރަން ޖެހޭނީ ކޮންމެ ދުވަހަކުވެސް ޓެސްޓުކޮއްފަ. ވީމާ މިރަށުގައި މިކަމާ ހަވާލުވެ ތިބި މީހުން ކޮންމެވެސް ޖަވާބެއް މިކަމަށް ދެއްވުން އެދެން"
ރަށުގެ ގިނަ ރައްޔިތުން ރަށުގެ ކަންކަމާ މަޝްވަރާ ކުރުމަށް ބޭނުންކުރަމުންދާ ވައިބަރ ގުރޫޕުގައި މީހަކު ބެނެފައިވެއެވެ.
މި ތުހުމަތާއި އެކު ގިނަބަޔަކު އަންނަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮއް އެއީ އެކަން ހިގަމުންދާގޮތް ކަމަށް ބުނަންފަށާފައެވެ. ހަމަ އެއާއި އެކު ބައެއް ގެތަކަށް ލިބެމުންދާ ފެނުގެ ކޮލިޓީގައި މައްސަލަ އުޅޭކަމަށް ބައެއް ފަރާތްތަކުން މައުލޫމާތު ދެއެވެ. އޮގޮތުން ފެނުގައި އާދަޔާ ހިލާފަށް ކްލޮރިންގެ ވަސް ދުވާކަމަށް ވެސް ބައެއްފަރާތް ތަކުން މައުލޫމާތު ދީފައިވެއެވެ.
މިއާއެކު މިތުހުމަތުގެ ހަގީގަށް ބަލައިދީ ރަށު ރައްޔިތުން ބޯ ފެނުގެ ރައްކާތެރިކަން ކަށަވަރު ކޮއްދިނުމަށް އެދި ގިިނަ ބަޔަކުދަނީ ކައުންސިލަށް ގޮވާލަމުންނެވެ. އެހެން ނަމަވެސް ފާހަގަކޮއްލަން ޖެހޭ ކަމަކީ މިފަހުން ފުވައްމުލަކުގައި ފެނުގެ މައްސަލަޖެހި ކައުންސިލުން ފެނަކަ ބުރާންޗުގައި އެދުމުން ބުފެފައިވަނީ ކައުންސިލް މެންބަރުންނާ ބައްދަލު ކުރެވޭނީ އެ ކުންފުނީގެ މައި އޮފީހުން ހުއްދަ ނަގައިގެން ކަމަށެވެ.
ފެނުގެ ރައްކާތެރިކަން ޔަގީން ކުރަން ޔުޓިއުލިޓީ ރެގިއުލޭޝަން އޮތޯރިޓީން ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އުސޫލުތަކެއް ހަދާފައިހުރެއެވެ. އޮގޮތުން ޅައިމަގުގައި ފެނަކައިގެ ފަރާތުން ދޫކުރާ ފެނަކީ ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާގެ ބޯ ފެނުގެ މިންގަނޑަށް ފެތޭ ބޯން ރައްކާތެރި ފެނެއްކަމަށް ފެނުގެ ހިދުމަތް ފެށިއިރު ފެނަކަ ޅައިމަގު ބުރާންޗުން މައުލޫމާތު ދީފައިވެއެވެ.