ރިޔާސީ ވެރިކަންތަކާއެކު ސިޔާސީ ފިކުރު ބަދަލުވުމުގެ އޮއެވަރެއް އަންނަކަމަށް ވޯޓްތަކުގެ ހިސާބުތަކުން ދައްކައެވެ. ޒުވާން ސިޔާސީ ފިކުރުގެ ތެރޭން އަބަދުވެސް އިވޭ އަޑަކީ ރަނގަޅު ކެންޑިޑޭޓުން ނުތިބޭ ވާހަކައެވެ. ސިޔާސީ ދާއިރާއިންވެސް އަދި ވަޒީފާއާއި ގާބިލް މީހުނަށް އިސްކަން ނުދެވޭ ވާހަކައެވެ. ހަމަ ހަމަ ފުރުސަތު ނޯންނަކަމުގެ ވާހަކައެވެ. ނިޒާމު ގޯސްވެފައިވާ ވާހަކައެވެ.
ގަބީލާ ތަކަށް, އާއިލާތަކަށާއި ޙާންދާނުތަކަށް ވޯޓް ދީ އުޅުމަކީ މިއަދުގެ ތަހުޒީބީ މުޖަތަމައު ތަކުގައި ކޮށްއުޅޭ ކަމެއްނޫނެވެ. ޒަމާނަކީ ކުދި އާބާދީ ތަކަށް ބަދަލުވަމުންދާ ޒަމާނެކެވެ. ދިރިއުޅުމުގެ ހަރަދުތަށް ބޮޑުވުމާއި އުޅޭ ހަލަބޮލި ދިރިއުޅުމުގެ ސަބަބުން އެއްބަނޑު އެއްބަފާ މީހުންވެސް ދެ ރަށުގައި އުޅުންފަދަ ކަންކަމުން އެއްފޮއްޓަށް ވޯޓުލައި އުޅޭ ޒަމާނެއްވެސް ނޫނެވެ. އެމީހަކަށް އެމީހަކާއި އެމީހަކުގެ މުޖުތަމައުގެ ސިޔާސީފިކުރާއި އެކަނި ފެންނަ ރަނގަޅުތައް ވޯޓްލައިގެން ގެންނަދުވަހެވެ. ދާއިމީ އެޑްރެހުގެ ބަދަލުގައި ދިރިއުޅޭ ތަނުގެ ފޮއްޓަށް ވޯޓްލުމާއި މެދު ބަހުޘް ކުރެވޭ ދުވަހެކެވެ. ސިޔާސީ ހަމަޖެހުމަށް ގައުމާއި ރައްޔިތުން ބޭނުންވެފައިވާ ދުވަހެކެވެ.
ކަންމިހެން އޮތްނަމަވެސް ޅައިމަގުގައި މި ފަހުން ސިޔާސީ ގޮތުން އަޑު އިވިގެންދިޔަ އެއްވާހަކައަކީ އިދިކޮޅު ޕާޓީ ކެނޑިޑޭޓުންނަށް ޓިކެޓް 'ހަމަޖެއްސި އިރު' ބޮޑު އާއިލާއަށް ބޮޑުކޮށް, އަދި ކުޑަ އާއިލާއަށް ކުޑަކޮށް ބާހާލަދޭން އުޅުންކަމުގެ ވާހަކައެވެ. ސިޔާސީގޮތުންނާއި ތަހުޒީބުގެގޮތުން ކުރުއެރުން ބޭނުންވާނަމަ, އެމަގަށް އަޅުގަނޑުމެންގެ އުޅުމާއި ވިސްނުން ބަދަލުކުރަން ޖެހެއެވެ.
ޅައިމަގު އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ އަކީ މިވަގުތު ޅައިމަގު ރައްޔިތުންނަށް އެންމެ ފައިދާވާނޭ ގިނަ މަސައްކަތްކުރާ ފަރާތް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އެމީހުން ބުނަނީ ކައުންސިލަށް ވުރެން ވެސް ކޮމެޓީ މާ ހަރަކާތްތެރި ކަމަށެވެ. އަދި އެކަމުގެ އިސް މޭސްތިރިޔަކީ ކޮމެޓީގެ ރައީސް ކަމުގައި އެމީހުންބުނެއެވެ.

ޅައިމަގަކީ ސިޔާސީގޮތުން އިދިކޮޅު އެމް.ޑީ.ޕީ ކުރި ނަގަމުން އައިސްފައިވާ ތަނެކެވެ. އެހެންނަމަވެސް ޕްރޮގްރެސިވް ފިކުރުގެވެސް އަބަދުވެސް ގިނަ ސަޕޯޓަރުން ތިބި ތަނެއްކަން ވޯޓުތަކުގެ ހިސާބުތަކުން ޔަގީންކުރެވެއެވެ. ވިހި ވަނަ މަޖިލީހުގައި މެމްބަރު މަމްދޫހް ޅައިމަގުން ހޯއްދެވި ކާމިޔާބީ ޅައިމަގު ޕީ.އެން.ސީ އިން ހޯދި ބޮޑު ކުރިއެރުމެކެވެ. އަދި އެއީ ޅައިމަގު ސިޔާސީގޮތުން ބަދަލުވި ބަދަލުވުމެއް ކަމުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ. ހާއްސަކޮށް އިދިކޮޅު އެމް.ޑީ.ޕީގެ ފިކުރުގެ ފަރާތްތަކެވެ.
ކައުންސިލަރުންގެ އަދަދަށް ގެނެވުނު ބަދަލާއިއެކު މިފަހަރު ޅައިމަގުން ހޮވަންޖެހޭނީ ތިން ކައުންސިލަރުންނެވެ. އަދި މިހާތަނަށް ކުރިޔަށް އޮތް ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުން ކަނޑައެޅި ކަމަށް މައުލޫމާތު ލިބިފައިވަނީ ޅައިމަގުން ޒަމާނުންސަުރެ ކުރި ހޯދަމުން އައި އެމް.ޑީ.ޕީ އެކަންޏެވެ. އެއީ ރައީސްގެ މަގާމަށް މިހާރުގެ ނައިބް ރައީސް ފަޔާޞް , މެމްބަރު ކަމަށް މިހާރުގެ ކައުންސިލަރު އަލްހަމް އަދި އަންހެން ކައުންސިލަރ އަކަށް ޝާނާ ކަމަށް މިހާރު ވަނީ އެއްބަސްވުމަކަށް އާދެވިފަކަމަށް މައުލޫމާތު އިނގޭ ފަރާތްތަކުން ބުނެއެވެ.
އަދި ސަރުކާރު ޕާޓީން ކުރީގެ ކައުންސިލަރު އަބްދުލްޢަނީ ޅައިމަގު ކައުންސިލު ރައީސް ކަމަށް ވާދަކުރައްވާނެކަން ހާމަކުރައްވާފައި ވާކަމަށްވެސް މައުލޫމާތު ލިބެއެވެ. އަބްދުލް ޢަނީ އަކީ ދެ ދައުރަކު ޅައިމަގު ކައުންސިލުގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ. އެކަމަކު އެންމެ ފަހުގެ އިންތިހާބުގައި ޕާޓީ ބަދަލުކޮށް މިހާުރުގެ ރައީސް އާއި ވާދަކޮށް ބަލިވެފައިވާ ބޭފުޅެއްވެސް މެއެވެ.
އެހެންކަމުން ކުރިޔަށް އޮތް ކައުންސިލް އިންތިހާބަކީ ޅައިމަގު ބެއްވޭ އެންމެ ވާދަވެރި އިންތިހާބަކަށް ވާނެކެމަށް ބެލެވެއެވެ. އަދި އެގޮތީ ޅައިމަގު ކައުންސިލް އިންތިހާބުގައި އެއް ފަހަރު މޮޅުވެ, އަނެއް ފަހަރު ބަލިވެ ވީ ކިތަންމެ ބޭފުޅުންނެއް ތިއްބަވާނެއެވެ. އެހާ އަވަސް އަވަހަށް އާއިލާއެއް ކުޑަވެ ބޮޑުވުވެ ވުމަކީ ވުމަށް ވުރެން ނުވުން ކައިރި ކަމެއްކަމަށް ބެލެވެއެވެ.