ޅައިމަގު މިސްކިތުން ސިހުރު ހަދާފައި ހުއްޓާ ފެނިގެން ނައްތާލާފައިވާ ކަމުގެ ވާހަކަތަކެއް ރަށުތެރޭގައި ދެކެވެން ފަށައިފިއެވެ. މަސްޖިދުލް އަޛްހަރު ނުވަތަ ކުޑަ މިސްކިތުގައި ސިހުރު ހަދާފައި ހުއްޓާ ފެނިފައިވަނީ މިސްކިތުގެ މުވައްޒަފަކައްކަމަށް މައުލޫމާތުލިބިފައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފެނިފަވަނީ އިންސާނުންގެ ބޮލުގެ އިސްތަށި ކަހަލަ ސިހުރު ހަދަންބޭނުން ކުރާޒާތުގެ އެއްޗެހީގައި ފޮތި އޮޅައިގެން ހަދާފައިވާ ސިހުރެކެވެ. އެ ތަކެތި ފެނުމާއި ގުޅިގެން އެކަން ކައުންސިލަށް ރިޕޯޓްކޮށްފައިވެއެވެ. އަދި މައުލޫމާތު ދޮގުކަމުގައި ނުވާނަމަ، ރަށު ކައުންސިލުން މިހާރު ވަނީ ދީނީ ކަންކަމާގުޅޭ ވުޒާރާގެ އިރުޝާދުގެ ދަށުން ސިހުރު ބާތިލުކޮށް، ތަކެތި ވަނީ ނައްތާލާފައެވެ.
މީގެ ކުރިންވެސް ރަށުގައި ސިހުރު ހެދުމާއި ނުވަތަ ސިހުރު ޖެހިގެން އެކަމުގެ ވޭން ތަހައްމަލް ކުރަންޖެހުމުގެ ހާދިސާތައް ގިނަ އަދަދަކަށް ހިނގާފައިވެއެވެ. ނަމަވެސް މިސްކިތްތަކަށް ސިހުރު ހަދާފައިވާ ކަމުގެ އަޑު ފެތުރުން މިއީ ވަރަށް މަދުން ރަށުގައި ހިނގާ ކަމެކެވެ. އެހެން ނަމަވެސް ސްކޫލުގައި ކިޔަވާ ދަރިވަރުންތަކެއް އަނބުރައިގަތުން ފަދަ ކަންތައްތަކަކާއި ސިހުރާއި ގުޅުވައި ތުހުމަތުތަކެއް މި ފަހުންވެސް ރަށުގައި ކުރެވިފައިވެއެވެ.
ސިހުރަކީ އޭގެ އަސަރުކުރުމުގެ ސަބަބުން އެއްބައި ފަހަރު އުމުރު ދުވަހު އޭގެ ވޭން ތަހައްމަލު ކުރަންޖެހޭ ނުރައްކާތެރި ކަމެކެވެ.
ފަންޑިތަ ސިހުރު ހާހޫރަ ހެދުމަކީ އިސްލާމީ މުޖުތަމަޢެއްގައި ހުއްދަ ކަމެއްނޫނެވެ. އެހެންނަމަވެސް، އީމާންކަން ބަލިކަށިވުމުގެ ސަބަބުން، ތިމާގެ ކިބައިގައި ނެތް ކުޅަދާނަކަމެއް ހޯދައިގަތުމުގެ މަޤްޞަދުގައި ބައެއް މީހުން ސިހުރު ހާހޫރައިގެ ބޭނުން ކުރެއެވެ. މިކަމުގެ ނުރައްކާތެރިކަމަކީ، މާތް اللهُ އަށް އުރެދި، ސިހުރު ހަދާ މީހާ ޝައިޠާނާގެ އަމުރުތަކަށް ކިޔަމަންވާން ޖެހުމެވެ.
ފަނާކުރަނިވި ބޮޑެތި ފާފަތަކުގެ ތެރޭގައި ސިހުރު ހިމަނުއްވާފައިވުމުން އެކަމުގެ ނުބައިކަމާއި އެކަމުގެ ސުންޕާކަން އެނގެއެވެ. މާތް اللهُ އަޅުގަނޑުމެންނަށް ޙަރާމް ކުރައްވާފައިވާ އެއްވެސް ކަމެއްގައި ޝިފާއެއް ލައްވާފައެއް ނުވާނެއެވެ. އެހެންކަމުން އަޅުގަނޑުމެންގެ މައްޗަށް އޮތީ ކަންކަމަށް އެދިގެން الله ގެ ޙަޟްރަތުގައި ދެންނެވުމެވެ. ހުރިހާ ކަމެއް މިންވަރު ކުރައްވަނީ މާތް اللهُ ކަން ޤަބޫލުކުރުމެވެ.
ވީމާ، މިފަދަ ކަންކަމާމެދު ވިސްނާ ފިކުރުކޮށް، މާތް ﷲގެ ޝަރީޢަތުގައި ސިހުރު ހާހޫރަ ހެދުން މަނާކޮށްފައިވާކަން ގަބޫލުކޮށް، އެކަމަށް ނުކިޔަމަންތެރިވާ ބަޔަކުކަމުގައި ނުވުމަށް، މިފަދަން ކަންކަން ކުރާ އެންމެހައި ފަރާތްތަކަށް އިލްތިމާސްކުރަމެވެ. އަދި މިފަދަ ފާފަވެރިކަމަކަށް އަރައި ނުގަތުމަށް ދިވެހި ލޮބުވެތި ރައްޔިތުންގެ ކިބައިން އިޙުތިރާމާއެކު އެދެމެވެ. މާތް اللهُ އަޅަމެން އެންމެން ސިހުރުގެ ނުބައިކަމުންނާއި އެކަން ކުރާ މީހުންގެ ކިބައިންނާއި އެންމެހައި ނުބައިކަންކަމުން ސަލާމަތްކުރައްވައި ރައްކާތެރިކުރައްވާށިއެވެ! އާމީން!