ޅައިމަގު ފުޓްސެލް ދަނޑުގެ ޓާފް ބަދަލުކޮށް, އެ ދަނޑު އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތްތަކެއް މި އަހަރު ކުރެވިގެންދާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ޅައިމަގު ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސް ވިދާޅުވީ މި މަސައްކަތް ކުރިޔަށް އޮތް މަހެއްހާ ދުވަހުގެތެރޭ ބަޔަކާއި ހަވާލުކުރުމަށް މަސައްކަތްކުރަމުން އަންނަކަމަށެވެ.
ފުޓްސެލް ދަނޑު ހަލާކުވެ, މަރާމާތުކުރުމަށް ޅައިމަގު ޒުވާނުން އެދެމުންދާތާ މިހާރު ވަނީ އަހަރު ތަކެއްވެފައެވެ. ޅައިމަގު ދަނޑު އެޅިއިރު މަސައްކަތުގެ ފެންވަރު ދައްވުމާއި އަދި ސަބްބޭސް ނުލައި ހެދުމުގެ ސަބަބުން ދަނޑު ބޭނުންކުރަންފެށިތާ 2 އަހަރު ނުވަނީސް ދަނޑުގެ ޓާފް ވަނީ ހަލާކުވެ މަރާމާތު ކުރަންޖެހިފައެވެ.
މި އަހަރު ޖޫން މަހު ޅައިމަގު ޒުވާނުން ވަނީ ދާއިރާގެ މެެމްބަރު މަމްދޫޙް އާއި ބައްދަލުކޮށް ފުޓްސެލް ދަނޑު ޓާފް ބަދަލުކޮށްދިނުމަށް އެދިފައެވެ. އެ ބައްދަލުވުމުގައި މެމްބަރު ވަނީ މި އަހަރުގެ ތެރޭ ޓާފް ބަދަލުކުރުމަށް ވަރަށް އިސްކަމެއްދީގެން މަސައްކަތްކުރައްވަމުން އަންނަކަމުގައި ދަންނަވާފައެވެ. އަދި ދަނޑު ހަދާފައިވަނީ ވަރަށް ފެންވަރުދަަށްކޮށް ކަމަަށްވާތީ އެ މަސައްކަތް ކުރަން ބޭނުންވަނީ އިތުރު މަރާމާތުތަކާއި އެކުގައި ކަމަށް ޒުވާނުންނަށް ދަންނަވާފައެވެ.
ޅައިމަގު ފުޓްސެލް ދަނޑަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރު ނިމުމަކާއި ގާތް ވަނިކޮށް އަޅަން ފެށި ދަނޑެކެވެ. ވެރިކަން ބަދަލުވުމާއި އެކު މަސައްކަތް ހުއްޓާލާފައި އޮތުމަށްފަހު އަލުން މަސައްކަތް ފެށީ 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ދިމާކޮށެވެ. 2020 ވަނަ އަހަރު ޑިސެންބަރު މަހު, ދަނޑު ނުނިމި ލަސްވާތީ ޅައިމަގު ޒުވާނުންވަނީ ކައުންސިލް އިދާރާ ކައިރިއަށް އެއްވެ އަޑުއުފުލާފައެވެ. އެއްވުމުގެ ބައިވެރިން އިހްތިޖާޖު ނިންމާލާފައިވަނީ ކައުންސިލް މެދުވެރިކޮށް ޔޫތް މިނިސްޓްރީއަށް ގުޅައިގެން މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ހޯދި ނަމަވެސް މިނިސްޓްރީން ދައްކަމުންދާ ވާހަކަތައް ގަބޫލް ނުކުރެވޭ ކަމަށްބުނެ ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ މުޒާހަރާ ކުރާ މީހުންނާއި ފޯނުން ވާހަކަ ދައްކަވައި އެންމެ ލަސްވެގެން 10 ދުވަސްތެރޭގައި އެ މަސައްކަތް ކުރުމަށް ކޮންޓްރެކްޓަރު ޅައިމަގަށް ދާނެ ކަމަށް އައްސަދު ވިދާޅުވުމުންނެވެ.
ފުޓްސެލް ދަނޑު މަރާމާތުކޮށް ރަނގަޅު ފެންވަރަކަށް ހެދިކަމުގައި ވިޔަސް، ދަނޑު އަޅާފައި އޮތް ތަނުގެ ސަބަބުން ސަޕޯޓަރުންގެ ޖާގަ އިތުރުކުރުން ފަދަ ބަދަލުތައް ގެނެވެން ނެތްކަން ޅައިމަގު ޒުވާނުންނަށް ފާހަގަކުރެވެއެވެ.
ފުޓްސެލް ދަނޑުގެ އިތުރުން ޅައިމަގުގައި ހޭންޑްބޯލް ކޯޓެއް އެޅުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. މިހާރު އަމަލީ މަސައްކަތް ފަށާފައިވާ އިންޑޯޖިމް ހިމެނޭ ކޮމިއުނިޓީ ސެންޓަރާއި އައުޓްޑޯރ ޖިމް އަދި މަސައްކަތް ފެށުމަށް ތައްޔާރު ވަމުންދާކަމަށް ރައީސް ވިދާޅުވި ހޭންޑްބޯލް ކޯޓާއި އަދި ސްވިމިންގް ޓުރެކާއިއެކު ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ މި ސަރުކާރު ވެގެންދާނީ ޅައިމަގުގައި ޒުވާނުންގެ ހަށިހެޔޮ ޞިއްޚަތަށް އެންމެ ގިނަ ވަސީލަތްތައް ޤާއިމްކޮށްދޭ ވެރިކަމުގެ ދައުރަށެވެ.