ސިއްޙީ ޚިދުމަތްތައް އިތުރަށް ފުޅާކޮށް ރަށު ސިއްޚީ މަރުކަޒު 16 ގަޑިއިރު ޚިދުމަތްދޭ ތަނަކަށް ބަދަލުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޅައިމަގު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ މިއަދު މޫސުން ތަން ނުދިނުމުގެ ސަބަބުން ބިންގާ އަޅައި އަމަލީ މަސައްކަތް ފަށަން ތާވަލްކޮށްފައިވާ ތިން މަޝްރޫޢު ކަމަށްވާ ސިއްހީ މަރުކަޒުގެ އާ އިމާރާތު، ފިޓްނަސް އެންޑް ރީކްރިއޭޝަން ސެންޓަރު އަދި ކައުންސިލް އިދާރާގެ އާ އިމާރާތުގެ ބިންގާއެޅުމުގެ މަސައްކަތް ނުފެށުނު ކަމަށާއި ބޮޑު އިވެންޓެއް މިއަދު ނުބޭއްވުނުކަމުގައިވިޔަސް އަމަލީ މަސައްކަތް ފެށިގެން ކުރިޔަށްދާނެ ކަމަށެވެ.
ސިއްޙީ މަރުކަޒުގެ އާ އިމާރާތްވެސް ހުޅުވިގެންދާއިރު ގިނަ ޚިދުމަތްތައް އެތަނުން ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އެ އިމާރާތުގައި 4 އެނދާއި ލެބޯޓަރީ އަދި އެހެނިހެން ވަސީލަތްތަކާއެކު 16 ގަޑިއިރުގެ ޚިދުމަތް ދެވޭ މަރުކަޒަކަށް އެތަން ބަދަލުކޮށްދޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
"އެތަން މި ހަދަނީ 4 އެނދުގެ ވޯޑަކާއި ނާސް ސްޓޭޝަން، ލެބޯޓަރީ، ޕްރޮސީޖާ ރޫމް، ޕްރައިވެޓް ރޫމް، ގަރާޖުވެސް ހިމެނޭ ގޮތަށް.". ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މި އަހަރު ނިމުމުގެ ކުރިން ކުނި މެނޭޖްކުރުމަށް ބަޔަކާ ހަވާލުކޮށް ކުނިކޮށި ތަރައްޤީކުރުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތިން އަހަރަށް ބަހާލައިގެން ރާއްޖޭގެ ހުރިހާ ރަށެއްގައި ކީރިތި ގުރުއާނާއި ބެހޭ ގޮފިތައް ގާއިމުކުރަމުންދާއިރު ޅައިމަގުގައިވެސް ކީރިތި ގުރުއާނާ ބެހޭ ޤައުމީ މަރުކަޒެއް ގާއިމުކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.