މި އަހަރު ނިމުމުގެ ކުރިން ކުނި މެނޭޖްކުރުމަށް ބަޔަކާ ހަވާލުކޮށް ކުނިކޮށި ތަރައްޤީކުރުމުގެ މަސައްކަތް ފެށޭނެ: ރައީސް


ލިޔުން ތާރީހް: 22 އޮކްޓޫބަރު 2025

ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ މި އަހަރު ނިމުމުގެ ކުރިން ކުނި މެނޭޖްކުރުމަށް ބަޔަކާ ހަވާލުކޮށް ކުނިކޮށި ތަރައްޤީކުރުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރަށުގައި މަސައްކަތް ފެށުމަށް ބަޔަކާއި ހަވާލުކުރެވިފައިވާ ކުނިކޮށީގެ މަސައްކަތް ހުއްޓިފައި އޮންނަތާ ދެ އަހަރު ވެފައިވާތީ އެހެން ބަޔަކާ ހަވާލުކުރައްވައިގެން އެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމުގައި ވިދާޅުވިއެވެ

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މި ސަރުކާރުން ރަށްރަށުގައި ފައްޓަވާ މަޝްރޫޢުތައް ނިންމަވައިދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަންދެއްވާފައެވެ. އެގޮތުން މަޝްރޫޢުތަކުގެ ކަންކަން ހިނގަމުންދާގޮތުގެ ތަފްޞީލުތައް ސަރުކާރުން މިހާރު ދުވަހުން ދުވަހަށް ބައްލަވާ އަދި މޮނިޓަރ ކުރައްވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ޅައިމަގު ރައްޔިތުންގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރުގެ ހަނދާނީފިލައެއް އަރުވާފައެވެ.