ރަށުގައި ހޭންޑް ބޯލް ކޯޓެއް އެޅުމުގެ މަސައްކަތް މި އަހަރު ކުރިއަށް ގެންދާނެ: ރައީސް


ލިޔުން ތާރީހް: 22 އޮކްޓޫބަރު 2025

ރައްޔިތުންނާ ބައްދަލުކުރައްވައި ރަށުގައި ހޭންޑް ބޯލް ކޯޓެއް އެޅުމާއި ފުޓްސަލް ދަނޑުގެ ޓަރފް ބަދަލުކޮށް ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތް މި އަހަރު ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޅައިމަގު ރައްޔިތުންނަށް ދެއްވިއެވެ.

މި މަޝްވަރާ ބައްދަލުކުރެއްވުމުގައި ޅައިމަގު ރައްޔިތުންގެ ތެރެއިން ބައެއް ފަރާތްތަކުން ވަނީ، ރަށުގެ ބަނދަރު ހެދުމާއި، ޕްރީ ސްކޫލްގެ ފެންވަރު ރަނގަޅުކޮށްދެއްވުމާއި، ދިގުމުއްދަތެއްގައި ފައިސާ ދައްކާގޮތަށް ނަމަވެސް، އަމިއްލަ ގޯތީގައި ގެ އެޅޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވައި، ތަރައްޤީގެ މުހިންމު ކަންކަން ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މި ސަރުކާރުން ރަށްރަށުގައި ފައްޓަވާ މަޝްރޫޢުތައް ނިންމަވައިދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަންދެއްވާފައެވެ. އެގޮތުން މަޝްރޫޢުތަކުގެ ކަންކަން ހިނގަމުންދާގޮތުގެ ތަފްޞީލުތައް ސަރުކާރުން މިހާރު ދުވަހުން ދުވަހަށް ބައްލަވާ އަދި މޮނިޓަރ ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ޅައިމަގު ރައްޔިތުންގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރުގެ ހަނދާނީފިލައެއް އަރުވާފައެވެ.